ޢާއްމުކޮށް އަމާޒުވާ ސުވާލު


ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެނިންމުމެއް ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައިނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލަމުން ގެންދާނީ ހައިކޯޓުންނެވެ. ޢާންމު އުޞޫލެއްގެ ގޮތުން ހައިކޯޓު ހިނގަމުންދަނީ މާލޭގައެވެ. ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެގޮފި ޤާއިމުކުރެވިފައިއެވެ. ދެކުނު ގޮފި ޤާއިމުކުރެވިފައިވަނީ އައްޑުއަތޮޅު ހުޅުމީދޫ ގައެވެ. އުތުރުގޮފި ޤާއިމުކުރެވިފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ގައެވެ. ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސްފަނޑިޔާރާއި، އިތުރު 10 (ދިހައެއް) ފަނޑިޔާރުންނާއެކު ޖުމްލަ 11 (އެގާރަ) ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ މިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.

މަދަނީ މައްސަލަތަކާ ގުޅިގެން ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 30 ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، 30 ދުވަހުގެ މުއްދަތު ގުނާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ. މަދަނީ މައްސަލަތަކާ ގުޅިގެން ދަށު ކޯޓަކުން ނެރޭ ވަގުތީ އަމުރުތަކާއި ޙުކުމް ތަންފީޛުކުރުމާ ގުޅޭ ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 7 ދުވަހެވެ. ދަށު ކޯޓަކުން ޖިނާއީ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޙުކުމްތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 60 ދުވަހެވެ. ޖިނާއީ މައްސަލަތަކާ ގުޅިގެން ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 10 ދުވަހެވެ. ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަނަމަ އިސްތިއުނާފުކުރުމުގެ މުއްދަތަކީ 48 ގަޑިއިރެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 60 ދުވަހެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 30 ދުވަހެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މައްސަލަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 30 ދުވަހެވެ. އާބިޓްރޭޝަން މައްސަލަތަކުގައި އާބިޓްރަލް ޓްރައިބިއުނަލުގެ އިޚްތިޞާޞާ ގުޅޭ މައްސަލަތައް ހުށަހެޅުމުގެ މުއްދަތަކީ 30 ދުވަހެވެ. އާބިޓްރޭޝަން މައްސަލަތަކުގައި އާބިޓްރަލް އެވޯޑެއް ނުވަތަ އާބިޓްރޭޝަން ނިމުމަމަކަށް އަންނަ ޙާލަތްތަކާ ގުޅޭ ނިންމުންތައް ބާޠިލު ކުރުމަށް އެދި ހުށަހެޅޭނީ އެ އެވޯޑުގެ ނުވަތަ ނިމުމުގެ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވުމުގެ ކުރިންނެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާ ގުޅޭ ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޢާއްމު އުޞޫލެއްގެ ގޮތުން ހައިކޯޓަށް މައްސަލަތަކާއި އެންމެހައި ލިޔެކިޔުންތައް ބަލައިގަންނަމުންދާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ. އޮންލައިންކޮށް ހުށަހަޅާނަމަ، އެ ލިޔުމެއް ހުށަހަޅަން އޮންނަ މުއްދަތު ހަމަވާ ތާރީޚުގެ ރޭގަނޑު 12:00 ގެ ކުރިން އެ ލިޔުމެއް [email protected] އަށް އީމެއިލް ކުރަންވާނެއެވެ.

ދުސްތޫރީ މައްސަލަތަކަކީ، ޤާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބަލާ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައެކެވެ.

ކޮންމެ މައްސަލައެއްގައިވެސް ޙުކުމް ކުރެވޭ ދުވަހު ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެއެވެ. އަދި ހަމަ އެ ދުވަހު، ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް ހައިކޯޓުގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.

ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް ކުއްލި ކަމެއް މެދުވެރިވެ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ކޯޓަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކޯޓުގެ ހުއްދަ ލިބުމުން ފުރާނީއެވެ.

ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނީ ޤާނޫނު އަސާސީއާ ޤާނޫނުގައިވާ ގޮތަށެވެ. އަދި މައްސަލަތައް ނިންމާނީ ވަކި ފަރާތަކަށް ބުރަނުވެ ޢަދުލުވެރިކަމާ އިންސާފުވެރިކަމާއެކުގައެވެ. މިގޮތުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ހުރިހާ ޙާލަތެއްގައި، ކޯޓުގެ ޝަރީޢަތްތައް ހިންގާނީ އެކަށީގެންވާ މުއްދަތެއްގައި ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުންނެވެ. ހަމައެހެންމެ، ހުޅުވާނުލާ ހިންގާ ޝަރީޢަތަކާބެހޭ ގޮތުން ފިޔަވައި، ކޯޓުން ނެރޭ ހުރިހާ އަމުރުތަކާއި ޙުކުމްތައް އިއްވާނީވެސް ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ހައިކޯޓުން ނިންމާ ހުރިހާ މައްސަލަތަކަކީވެސް އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ މައްސަލަތަކަކަށްވުމާއެކު، ކޮންމެ މައްސަލައެއްވެސް ނިންމާނީ އެމައްސަލައެއް ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އެމައްސަލައެއް ނިންމުމަށް ބުރަވާ ގޮތަކަށެވެ.

ކޯޓުން ޢާންމުކޮށް ހުޅުވާލައިގެން ހިންގާ ޝަރީޢަތެއް ނިމުނުގޮތާއި އަދި ހުޅުވާލެވިފައިވާ މަޖިލީހެއްގައި ނެރޭ އަމުރުތައް ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުން، ކޯޓުން ޢާންމުކުރާ ލިޔުމުގެ ކޮޕީއެއް ލިބޭނެއެވެ. ހަމައެފަދައިން މިލިޔުންތައް ކޯޓުގެ ވެބް ސައިޓުންވެސް ލިބެން ހުންނާނެއެވެ.

ހިގަމުންދާ ޝަރީޢަތަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ޢާއްމުކުރަންވާނީ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ. އެހެންނަމަވެސް އަންނަނިވި ޙާލަތްތަކުގައި އެމަޢުލޫމާތެއް ޢާންމުކުރުމަކީ ހުއްދަކަމެއް ނޫނެވެ. (1) ޢާންމުކުރާ މަޢުލޫމާތަކީ ޢަމަލުކުރެވެމުންދާ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން މަނާކުރާކަމަކަށްވުން. (2) ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، ޝަރީޢަތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ޢާންމުކުރުން ކޯޓުން މަނާކޮށްފައިވުން. (3) ކޯޓުގައި ހިގަމުންދާ ޝަރީޢަތަކީ މަސްލަޙަތަށްޓަކައި އާންމުކޮށް ހުޅުވާލެވިފައިނުވާ ޝަރީޢަތަކަށްވުން. (4) ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މަޢުލޫމާތަކާ ބެހޭގޮތުން ހިންގޭ ޝަރީޢަތަކަށްވުން. (5) ޝަރީޢަތުން ވަކި ސަބަބަކާހުރެ މައްސަލައަކާ ގުޅޭގޮތުން ކަމެއް ޢާންމުކުރުން މަނާކަން އަންގާފައިވުން.

ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ޙާޟިރުވާ އެންމެހައި ފަރާތްތައް ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ކޯޓަށް ޙާޟިރުވުމަށް އެކަށީގެންވާ ހެދުމެއް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކާމެދު ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަގޮތަށް ކުރާ ޙަރާކާތަކުން ނުވަތަ އެނޫންވެސް ގޮތަކުން ކޯޓުތެރޭގައި ނުވަތަ ކޯޓުން ބޭރުގައިވިޔަސް ކޯޓަށް ރައްދުވާގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމެވެ. 1) ކޯޓާ ބެހޭ ގޮތުން ނުބައި ތަޞައްވަރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުން. 2) ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން. 3) ހިނގަމުންދާ ޝަރީޢަތެއްގައި ނުވަތަ މައްސަލައެއްގައި ފަނޑިޔާރަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ކުރުން. 4) ކޯޓުން ކުރާ ޙުކުމަކަށް، ނުވަތަ ނެރޭ އަމުރަކަށް ނުވަތަ މިނޫންގޮތަކަށްވެސް ކޯޓުން އަންގާ އެންގުމަކާ ޚިލާފުވާގޮތަށް ޤާނޫނާ ޚިލާފަށް ޤަސްދުގައި ކަމެއް ކުރުން. 5) ޝަރީޢަތަށް ޙާޟިރުވެ ޝަރީޢަތެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުން. 6)‫ ޢަދުލު އިންސާފު ޤާއިމުކުރުމަށް ދަތިކުރުން، ނުވަތަ ދަތިކުރަން މަސައްކަތްކުރުން. 7) ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން. 8) ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ ހިންގުމާބެހޭ މުވައްޒަފަކަށްް އިހާނަތްތެރިވާފަދަ ބަހެއްބުނުން ނުވަތަ ޢަމަލެއްކުރުން. 9) ކޯޓުތެރޭގައި ނޭދެވޭ ހަޑިހުތުރު ބަސް ބޭނުންކުރުމާއި، އަދަބާއި ޚިލާފު ޢަމަލުކުރުމާއި، ކޯޓުގެ ޙުރުމަތާ އެކަށީގެން ނުވާ ފަދަ ހެދުން އަޅައިގެން ކޯޓަށް ޙާޟިރުވުން. 10) ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން. 11) ކޯޓަށް ޙާޟިރުވެ ހުރި އެއްވެސް މީހެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކކަށް ގެއްލުން ދިނުން. 12) ކޯޓުގެ މުދަލަކަށް ގެއްލުމެއް ދިނުން. 13) ‫ކޯޓުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރެކޯޑްކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަޞީލަތެއް ޝަރީޢަތުގެ މަޖިލިހަށް ވެއްދުން.‬‬‬‬‬‬‬‬‬‬‬‬

ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ގަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

ޑިޔުޑިލިޖެންސް ފުރިހަމަ ކުރުމަށްޓަކައި، ހޯދަންއެދޭ މަޢުލޫމާތު ސާފުކޮށް ބަޔާންކޮށް، ސިޓީއަކުން އެކަމަށް އެދި ހުށަހަޅަންވާނެއެވެ. އަދި މިކަމަށް އެދި ހުށަހަޅާއިރު، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާއިރު، ޑިޔުޑިލިޖެންސަށް އެދި ހުށަހަޅާ ކުންފުނީގެ ރުހުން އޮތް ކަމުގެ ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ހައިކޯޓަށް މައްސަލަ ހުށަހަޅާނީ، ހުށަހަޅަން ބޭނުންވާ ބާވަތެއްގެ މައްސަލަ ހުށަހެޅުމަށް ހައިކޯޓުގެ ވެބްސައިޓުގައި ޢާންމު ކޮށްފައިވާ ފޯމުންނެވެ. އިސްތިއުނާފީ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލައެއްގެ އިސްތިއުނާފެއް ނަމަ އިސްތިއުނާފު ފޯމާއި މައްސަލައިގައި ހިމެނޭ އެންމެހައި ލިޔެކިޔުންތަކާއިއެކު ހުށަހަޅާނީ އިސްތިއުނާފުކުރަން ޤަޞްދުކުރާ އެ މައްސަލަ ނިންމި ދަށުކޯޓަށެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގެ ތެރެއިން ކޯޓު އަމުރުތަކާއި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ނަމަ، ހައިކޯޓަށް ވެސް ހުށަހެޅިދާނެއެވެ. ހައިކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ އެނޫން ބާވަތެއްގެ މައްސަލައެއް ހުށަހަޅުމަށް ބޭނުންވާ ނަމަ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމާއި އެންމެހައި ލިޔެކިޔުންތަކާއިއެކު ހުށަހަޅާނީ ސީދާ ހައިކޯޓަށެވެ.

މަދަނީ މައްސަލަތަކުގެ ތެރެއިން ދަށު ކޯޓުން ކުރާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް އޮންނަ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ. އަދި އިންތިޚާބީ ޝަކުވާ މައްސަލަތައް އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 14 (ސާދަ) ދުވަސް ތެރޭގައި ހުށަހަޅަން އޮންނަ މުއްދަތު ވެސް ގުނާނީ ބަންދު ދުވަސް ހިމޭނޭ ގޮތަށެވެ. މި މައްސަލަތައް ނޫން އެހެން މައްސަލަތައް ގުނުމުގައި ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވެއެވެ. 1- ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް. 2- ހައިކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައްކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤަނޫނުގެ 37 ވަނަ މައްދާގައި ބަޔާންކުރާ ދުސްތޫރީ މައްސަލަތައް. 3- ދަށުކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި، ކޯޓު އަމުރުތަކާއި، ނިންމުންތައް.

އިސްތިއުނާފުގެ މައްސަލަތަކަކީ، ދަށުކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ އެއިންކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް، ނުވަތަ ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވާ އަމުރެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުވާނަމަ، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.

އުސޫލެއްގެ ގޮތުން ކޯޓަށް ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލާ ޙުކުމް އިއްވުމަށް ކޯޓުން ސަމާލުކަން ދޭނެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެކި މައްސަލަތައް ބެލުމަށް ނަގާ މުއްދަތު ތަފާތުވާނެއެވެ. އަދި ޤާނޫނެއްގައި އެމައްސަލައެއް ނިންމުމަށް މުއްދަތެއް ކަނޑައެޅިފައިވާ އެންމެހައި މައްސަލަތައް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހައިކޯޓުން ނިންމާނެއެވެ.

ކޯޓަށް ޙާޟިރުވުމަށް އަންގާފައިވަނިކޮށް ޙާޟިރުވެވެން ނެތް މަޤުބޫލު ސަބަބެއް މެދުވެރިވެއްޖެނަމަ އެކަން ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރުގައި ޙާޟިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ ކުރިން ކޯޓަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި އެއީ މަޤުބޫލު ސަބަބެއްނަމަ ކޯޓުން އެޢުޒުރު ޤަބޫލުކުރާނެއެވެ.

މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ބޭނުންވާނަމަ ހައިކޯޓުގެ ވެބްސައިޓުގައި ޢާންމުކުރެވިފައިވާ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމު" ފުރިހަމަކޮށް ހައިކޯޓަށް ހުށަހެޅައި، އެ ފޯމުގެ އިރުޝާދު ބައިގައި ބަޔާންކޮށްފައިވާ ޢަދަދަށް ރިޕޯޓަށް އެދުނު ފަރާތުން ފައިސާ ދެއްކުމުން ރިޕޯޓު ދޫކުރެވޭނެއެވެ. ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ދޫކުރެވޭނީ މަޙްޟަރު ބަޔާންތަކާއި ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކާއެކީއެވެ.

ކޯޓުގެ ޝަރީޢަތްތައް ހިންގާނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ކޯޓުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ނަމަވެސް ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، އެފަދަ އަޑުއެހުމެއް ބާއްވާނީ ޢާންމުކޮށް ހުޅުވާނުލައެވެ. އެ ސަބަބުތަކަކީ؛ (1) މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުން، (2) ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން، (3) ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން. މިއެވެ.

ކޯޓަށް ހުށަހެޅޭ ވަކިވަކި މައްސަލަތަކާބެހޭ ގޮތުން ކޯޓުން މީޑިއާއަށް މަޢުލޫމާތެއް ނުދޭނެއެވެ. ނަމަވެސް ކޯޓުގައި އެދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތާވަލު ކޯޓުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ. އަދި އެއިން މައްސަލައެއްގެ މަޢުލޫމާތު މީޑިއާއަށް ބޭނުންވާނަމަ، އެ ޝަރީޢަތެއްގެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު މީޑިއާއަށް ލިބޭނެއެވެ. އެހެންނަމަވެސް މީޑިއާގެ ފަރާތުން އަންނަ މީހުންވެސް ޝަރީޢަތުގެ މަޖިލީހަށް ވައްދާނީ ޢާންމުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އުސޫލާ އެއްގޮތަށް ނަން ނޯޓުކުރުމަށްފަހުއެވެ. މީޑިއާގެ ފަރާތްތަކުން އެއީ މީޑިއާގެ ފަރާތުން އަންނަ މީހެއްކަން އަންގައިދޭ ލިޔުމެއް ގެނައުމަކީ އެދެވިގެންވާ ކަމެކެވެ.

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހުޅުވާލެވިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ބަލާ މައްސަލައެއްނަމަ، އެފަދަމައްސަލައެއްގެ އަޑުއެހުމަށް ޝަރީޢަތުގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަކުން ޢާންމުންނަށްވެސް ވަދެވޭނެއެވެ. ނަމަވެސް މިގޮތަށް އަޑުއަހަން ވަދެވޭނީ އެއަޑުއެހުމެއް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ޤަވާޢިދާއެއްގޮތްވާ ގޮތުގެ މަތިން ކޯޓަށް ޙާޟިރުވެ ނަން ނޯޓުކުރުމަށްފަހުއެވެ. ނަން ނޯޓުކުރަން އަންނަ އިރު އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ފޮޓޯޖެހި ލިޔުމެއް ގެންނަންވާނެއެވެ.

ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއް ކަމުގައި ބަލާނީ "ކޯޓަށް ޙާޟިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާއިބެހޭ ޤަވާޢިދު" އާ ޚިލާފުވާ ކޮންމެ ހެދުމެކެވެ. މިގޮތުން، (1) ކޯޓަށް ޙާޟިރުވާ ކޮންމެ މީހަކުވެސް ހުންނަންވާނީ ކާކުކަން އެނގޭފަދަ ހެދުމެއް އަޅައިގެންނެވެ. (2) ކޯޓަށް ޙާޟިރުވާ ފަރާތްތަކުން ނިވާކަން ކުޑަ ހެދުން، ކުރު ސޯޓު، ގިރުވާން ނުހުންނަ ޓީޝާޓް، ޓްރެކްސޫޓް، އަދި އެކަށީގެން ނުވާފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުން އެޅުމަކީ މަނާކަމެކެވެ. (3) ކޯޓަށް ޙާޟިރުވާ ފަރާތްތައް އިސްލާމްދީނާއި ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭފަދަ ހެދުން ލުމާއި، އެފަދަ ގަހަނާތައް ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެޅުމަކީ މަނާކަމެކެވެ. (4) ހަމަ އެހެންމެ، ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާކަމަށް ކޯޓުން އަންގާ ކޮންމެ ހެދުމެއް އެޅުމަކީ މަނާކަމެކެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އެކި ޔުނީފޯމުގައި ތިބެންޖެހޭ ފަރާތްތައް، މަޤާމުގެ ހައިސިއްޔަތުން ކޯޓަށް ޙާޟިރުވާނަމަ ޙާޟިރުވާނީ އެމީހަކު އެމަޤާމެއްގެ ހައިސިއްޔަތުން ލާންޖެހޭ ޔުނީފޯމެއްގައެވެ. ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއްގައި އަންނަ މީހަކު ކޯޓަށް ވަނުން މަނާ ކުރެވޭނެއެވެ.

އިސްތިއުނާފީ މައްސަލަ ހުށަހެޅުމަށް، "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު" ދުސްތޫރީ މައްސަލަ ހުށަހެޅުމަށް، "ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމު" އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް، "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމު" ސިޔާސީ ޕާޓީއާބެހޭ މައްސަލަ ހުށަހެޅުމަށް، "ސިޔާސީ ޕާޓީއާބެހޭ މައްސަލަ ހުށަހަޅާ ފޯމު" ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ބޭނުންވާނަމަ، "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" އާބިޓްރޭޝަން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭނަމަ، "އަބިޓްރޭޝަން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު" އާބިޓްރޭޝަން މައްސަލަ ހުށަހެޅުމަށް، "އާބިޓްރޭޝަން މައްސަލަ ހުށަހެޅުމަށް އެދޭ ފޯމު" މޮނިކޮން އަމުރަށް އެދި މައްސަލަ ހުށަހެޅުމަށް، "މޮނިކޮން އަމުރަށް އެދޭ ފޯމު" މޮނިކޮށް އަމުރު މުރާޖަޢާކުރުމަށް އެދޭނަމަ، "މޮނިކޮން އަމުރު މުރާޖަޢާކޮށްދިނުމަށް އެދޭ ފޯމު"